އަތޮޅުގެ ވަނަވަރު

ހުވަދުއަތޮޅު އުތުރުބުރި ނުވަތަ ގއ. އަތޮޅަކީ، ރާއްޖޭގެ ތާރީޚްގައި ފާހަގަކުރެވޭ ދެކުނުގެ ބަޣާވާތް، އޭރުގެ   ބޮޑުވަޒީރު އަލްމަރުޙޫމް އިބްރާހިމް ނާސިރުގެ ސަރުކާރުން، ހަތިޔާރުގެ ބޭނުންކޮށްގެން ނިމުމަކަށް ގެނައުމަށް ފަހު، ޖިއޮގްރަފިކް ގޮތުންނާއި އިދާރީގޮތުން، އޭރު އެއްއަތޮޅެއްގެ ގޮތުގައި އޮތް ހުވަދުއަތޮޅު (ގ.އަތޮޅު) އިދާރީގޮތުން ދެބައިކޮށް، ވަކި ދެއަތޮޅެއްގެ ގޮތުގައި ހިންގުމަށް، ހަމަޖައްސަވައި، 8 ފެބްރުއަރީ 1964 ގައި އެކަން އިޢްލާން ކުރެއްވުމާއި ގުޅިގެން އުފެދުނު އިދާރީ އަތޮޅެކެވެ.

މި އަތޮޅުގެ ވެރިކަންކުރަނީ ވިލިނގިލީ ގައެވެ.  އޭރު މިއަތޮޅުގެ 10 ރަށުގައި މީހުން ދިރިއުޅުނެވެ. ނަމަވެސް މިއަތޮޅު ދިޔަދޫ މީހުން 2010 ވަނަ އަހަރުގެ ތެރޭގައި،  މި އަތޮޅު ކޮނޑެއާއި، ކޮލަމާފުށްޓާއި، ލ. ގަމުގެ އިތުރުން މި އަތޮޅު ގެމަނަފުއްޓަށް ބަދަލުވުމާ ގުޅިގެން، މިއަތޮޅުގައި މީހުން ދިރިއުޅޭ ރަށްރަށުގެ އަދަދު ވަނީ 09 އަށް ބަދަލު ވެފަ އެވެ. މީހުންދިރިނުއުޅޭ ފަޅު ރަށްތަކުގެ އަދަދަކީ 71 އެވެ. މިހާރު މީހުން ދިރިއުޅޭ ރަށްތަކަކީ:  ކޮލަމާފުށި، ވިލިނގިލި، މާމެންދޫ، ނިލަންދޫ، ދާންދޫ، ދެއްވަދޫ، ކޮނޑޭ، ގެމަނަފުށި، ކަނޑުހުޅުދޫ، މިއެވެ.

މިއަތޮޅުގެ މީހުން ދިރިއުޅުމަށްޓަކައި ކުރާ މައިގަޑުމަސައްކަތެއްގެ ގޮތުގައި ފާހަގަ ކުރެވެނީ މަސްވެރިކަމެވެ. އެގޮތުން ވިލިނގިލި، ކޮލަމާފުށި، ދާންދޫ، ދެއްވަދޫ އަދި ގެމަނަފުއްޓަކީ މަސްވެރިކަމުގެ ގޮތުން ފާހަގަކޮށްލެވޭ ރަށްރަށެވެ.  ދަނޑުވެރިކަމުގެ މަސައްކަތަކީ ވެސް މިއަތޮޅުގައި މިހާރުވަރަށް ބާރަށް ކުރިއަރަމުންދާ މަސައްކަތެކެވެ. މިގޮތުން މާމެންދޫ، ނިލަންދޫ، ކޮނޑޭ، އަދި ގެމަނަފުއްޓަކީ ދަޑުވެރިކަމުގެ ގޮތުން ފާހަގަކޮށްލެވޭ ރަށްރަށެވެ.

ޓޫރިޒަމްގެ މަސައްކަތަކީ 2000 ގެ އަހަރުތަކުގެ ކުރީކޮޅުން ފެށިގެން މި އަތޮޅުގައި ވަރަށް ހަލުއިކަމާއެކު ކުރިއަރަމުންދާ މަސައްކަތެއްކަން ފާހަގަ ކޮށްލަން ޖެހެ އެވެ. އެ ގޮތުން، މި އަތޮޅު ފުނަމައުއްޑޫގައި [ރޮބިންސަން ކްލަބް މޯލްޑިވްސް“ ގެ ނަމުގައި ފުރަތަމަ ހުޅުވުނު ރިސޯޓަށްފަހު ދުނިޔޭގެ ފެންވަރުގެ ނަން މަޝްހޫރު ބްރޭންޑްތަކުގެ ރިސޯޓްތައް މިއަތޮޅުގައި މިހާރު ހުޅުވާ ހިންގަމުންދާކަން ފާހަގަ ކޮށްލެވެއެވެ.  މިގޮތުން އަތޮޅުގައި 6 ރިސޯޓާއި ސިޓީ ހޮޓަލެއް ހިންގަމުންދާކަން ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން އަތޮޅުގެ ބައެއްރަށްރަށުގައި ގެސްޓްހައުސްތައް ހަދާ ފަތުރުވެރިކަމުގެ މާކެޓަށް ހުޅުވާލެވި އެތަންތަނުންވެސް ފަތުރުވެރިން ޚިދްމަތް ހޯދަމުންދާކަންވެސް ފާހަގަ ކުރަމެވެ.

މިއަތޮޅު ހުރިހާރަށެއްގައި ވެސް ޕްރީސްކޫލުގެ ތަޢުލީމް ދެވެ އެވެ. އަދި އަތޮޅުގެ ހުރިހާ ރަށެއްގައިވެސް އޯލެވެލް ފެންވަރަށް ކިޔަވައިދެއެވެ. އަދި ވިލިނގިއްޔާއި، މާމެންދުއާއި ދާންދޫ އަދި ގެމަނަފުށީގައި ގްރޭޑް 11 އާއި 12 އަށް (އޭލެވެލް ފެންވަރަށް) ތަޢުލީމް ދެވެ އެވެ.

މި އަތޮޅުގެ އެއަރޕޯޓް އޮންނަނީ ވިލިނގިއްޔާއި ޖެހިގެން ދެކުނަށް އޮންނަ ކޫއްޑޫގައެވެ.  އަދި ދެކުނުގެ އަތޮޅަށް އަމާޒުކޮށްގެން ޤާއިމްކުރެވިފައިވާ މަސްފެކްޓަރީ (ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް) ގާއިމް ކުރެވިފައިވަނީވެސް  ކޫއްޑޫ ގައެވެ.

ކައުންސިލްގެ ފުރަތަމަ ނަން

މިއަތޮޅަށް ފުރަތަމަ ކިޔަމުން އައި ނަމަކީ، ހުވަދުއަތޮޅު އިރުމަތީ ބައި (ގ. އަތޮޅުގެ އިރުމަތީބައި، ނުވަތަ ގއ. އަތޮޅު) އެވެ. ނަމަވެސް ރާއްޖޭގެ ހުރިހާ އަތޮޅުތަކަށް އެއްއުސޫލަކުން ނަންކިއުމަށް ބެލިއިރު، މިގޮތަށް ޕާޓީޝަނުން ބައިކުރެވިފައިވާ ހުރިހާ ޖިއޮގްރަފިކަލް ބައި ކުރެވިފައިވަނީ އުތުރުބަޔަކާއި، ދެކުނު ބަޔަކަށް ކަމަށް ވުމުން، އެއަތޮޅުތަކަށް ނަން ކިޔެންޖެހެނީ، އުތުރުބުރިއަކާއި ދެކުނުބުރިއެއްގެ ގޮތުންކަމަށް ވާތީ، އެ އުސޫލުގެ ދަށުން މިއަތޮޅުގެނަން ވެސް، “ހުވަދުއަތޮޅު އުތުރުބުރި” (ގއ. އަތޮޅު ) މިގޮތަށް ހަމަޖެއްސެވީއެވެ.

ކައުންސިލުގެ އިޚްތިޞާޞް ހިނގާ ސަރަހައްދު

ހުވަދުއަތޮޅު އުތުރުބުރީ ގެ ގްލޯބަލް ޕޮޒިޝަނެއްގެ ކަމުގައި ފާހަގަކުރެވޭ ޕޮއިންޓަކީ، އުތުރުން 0 ދަރަޖަ 55 މިނެޓްން ފެށިގެން 0 ދަރަޖަ 28 މިނެޓާ ދެމެދެވެ. މިއަތޮޅުގެ ސަރަޙައްދު ކަމުގައި މިހާތަނަށް ކަނޑައެޅިފައި ވަނީ، ޤުދުރަތީގޮތުން އުފެދިފައިވާ ހުވަދުއަތޮޅުގެ ހުޅަގު ބިތުގައިވާ ތިނަދޫ އުތުރުން އޮންނަ، ހޫޓިކަނޑުގެ މެދުން ފެށިގެން، އަތޮޅުގެ އިރުމަތީ ބިތުގައި އޮންނަ ކަނޑުހުޅުދޫގެ ދެކުނުން އޮންނަ ވާރަލުކަނޑުގެ މެދަށް، ޚިޔާލީ ގޮތުން ދަމާލެވޭ ސިދާ ތެދު ރޮގުން އުތުރަށް އޮތް ކަނޑާއި އެއްގަމާއި ވައިގެ ސަރަޙައްދާއި އެސަރަޙައްދާއި އިންވެގެން ،ހުޅަނގާއި، އުތުރާއި އިރުމައްޗަށް ހިމެނޭ ދިވެހިރާއްޖޭގެ ސިޔާސީ އަދި އިގްތިޞާދީ ސަރަހައްދެވެ.

އަތޮޅުގެ ޗާޓު