ގެމަނަފުށި

ގއ. ގެމަނަފުށްޓަކީ މަސްވެރިކަމުގެ ދާއިރާގައި އެންމެ ކުރީސަފުގައިވާ އެއްރަށެވެ. މިރަށުގެ ބޮޑުމިނަކީ 51.16 ހެކްޓަރެވެ. މިރަށުގައި ގާއިމްކުރެވިފައިވާ ސެކްޓަރ ތަކުގެ ތެރޭގައި ޞިއްޙީ މަރުކަޒާއި ، މެޖިސްޓްރޭޓް ކޯޓާއި ކައުންސިލް އިދާރާއާއި ، ގެމަނަފުށީ ސްކޫލާއި ، އައިސްޕްލާންޓާއި ، ފެނަކަ އޮފީހާއި ، ޕޮލިސްސްޓޭޝަން ހިމެނެއެވެ. ގެމަނަފުށްޓަކީ ހިކިކަނޑުމަހާއި މަހުން އުފެއްދޭ އެހެނިހެން ބާވަތްތައް އުފައްދަމުންދާ ރަށެކެވެ. ރަށުގައި ދިރިއުޅޭ ރައްޔިތުންނާއި މެހްމާނުން ހިތްފަސޭޙަ ކުރުމަށް ފިނިމައިޒާން ތަކާއި ބީޗްތައް ތައްޔާރުކޮށްފައިވާ މިރަށަކީ ހިތްފަސޭހަ ރަށެއްގެ ގޮތުގައި މެހްމާނުން ފާހަގަކުރާ ރަށެކެވެ. މިރަށުގައި އާސާރީ ބިނާއެއް ނެތެވެ. މިރަށުގެ ރައްޔިތުން އާމްދަނީ ހޯދުމަށް ކުރާ މައިގަނޑު މަސައްކަތަކީ މަސްވެރިކަމާއި ދަނޑުވެރިކަމެވެ. މިރަށަކީ މެހްމާންދާރީ އަދާކުރުމުގައި އަތޮޅުންވެސް އެންމެ ފާހަގަކޮށްލެވޭ ހިތްހެޔޮ ރައްޔިތުންތަކެއް ދިރިއުޅެމުންދާ އަދި އަތޮޅުގެ ރަށްތަކުގެ ތެރެއިން ތަރައްގީގެ ރޭހުގައި އެންމެ އަވަސް އަދި ބޮޑެތި ކުރިއެރުންތަކެއް ހޯދަމުންދާ ރަށެކެވެ. މިރަށުގެ ރައްޔިތުންނަކީވެސް ތަރައްގީއަށް ލޯބިކުރާ ބައެކެވެ. މިރަށުގައިވެސް ތައުލީމީ ގިނަ ދަރިންތަކެއް އުފެދިފައިވާކަން ފާޙަގަ ކޮށްލެވެއެވެ. ގުދުރަތީގޮތުން ޚާއްޞަ ސިފަތަކެއް ލިބިފައިވާ މިރަށުގެ ދެކުނުން މީހުން ދިރިއުޅޭ ކަނޑުހުޅުދޫ އާއި ހަމަޔަށް ގިނަ ފަޅުރަށްތަކެއް ފަޅުތެރޭގައި އުފެދިފައިވުމުން މިރަށް ދެކިލުމަށް އެތައް ބަޔަކު މިރަށަށް ޒިޔާރަތްކުރަމުންދާކަން ފާޙަގަ ކޮށްލެވެއެވެ.