ރަށްރަށުގެ ތަރިކަ

ގއ. ނިލަންދޫ

ގއ. ނިލަންދޫއިން އާސާރީ ބައެއް ތަކެތި ފެނިފައިވެއެވެ. މިގޮތުން ނިލަންދޫ ގަލެހުނިޔާ ކިޔާ ތަނުން ކުޑަހަވިއްތައެއް ފެނިފައިވެއެވެ. ދިވެހިރާއްޖޭގެ ރައްޔިތުން އިސްލާމްދީން ގަބޫލުކުރުމުގެ ކުރިން އުޅެމުންއައި ބުދުދީނުގެ މީހުން އަޅުކަން ކުރުމަށް ގެންގުޅޭ ބުދުތަކުގެ ބައިތައް ނިލަންދޫ އިން ފެނިފައިވެއެވެ.

ގއ. ދެއްވަދޫ

ގއ. ދެއްވަދޫ ކުޑަމިސްކިތަކީ ތާރީޚީ މިސްކިތެއްގެ ގޮތުގައި ފާހަގަކޮށްލެވޭ މިސްކިތެކެވެ. ރާއްޖޭގައި ރަސްކަން ކުރެއްވި ރަސްރަސްކަލުންގެ ތެރޭގައި ހިމެނޭ މަޝްހޫރު  ދެއްވަދޫ ރަސްގެފާނަކީ ގއ. ދެއްވަދޫ އަށް ނިސްބަތްވާ ބޭފުޅެކެވެ. ދެއްވަދޫއިން އާސާރީ ބައެއް ތަކެތި ފެނިފައިވެއެވެ.

 

ކޮލަމާފުށި

ކޮލަމާފުށީގައި އާސާރީ ބިނާއެއް ނެތްކަމުގައިވިޔަސް އެރަށުގެ ގަބުރުސްތާނުގެ ތެރޭގައި ޒިޔާރަތެއް ހުރިކަމާއި އެޒިޔާރަތުގައި 100 ފޫޓުގެ އުސްމިނުގެ ދިދަ އެއް ޖަހާފައިހުރިކަމަށް އެރަށުގެ މީހުން ބުނެއުޅެއެވެ.

 

ވިލިނގިލި

ވިލިނގިލީގައި މިވަގުތު އާސާރީ ބިނާއެއް ނެތްކަމުގައި ވިޔަސް ވިލިނގިލީގައި ދިރިއުޅުނު މަޝްހޫރު ފަތިކޮއްޔެ ބިނާކުރި ބިސްކިތް ވަރަށް ފަހަކާއި ޖެހެންދެން ހުރިކަމަށްވެއެވެ. ފަތިކޮއްޔެ އަކީ ވިލިނގިލީގައި ދިރިއުޅުނު ވަރަށް ތަނަވަސް މުއްސަދި އަންހެނެއް ކަމުގައި ބުނެއުޅެވެ. ވިލިނގިލީ މައި ގަބުރުސްތާނުގެ އުތުރުން އޮންނަ ގޯޅި މަގަށް ” ފަތިކޮއްޔެ ” ގޯޅި ކިޔަނީ މިދެންނެވުނު ފަތިކޮއްޔެ އަށް ނިސްބަތް ކޮށެވެ.

 

ހިތާދޫ

ގއ. އަތޮޅުގެ އުތުރު ތަނޑީގައި ކޮލަމާފުށްޓާއި ކައިރީގައި އޮންނަ ހިތާދޫ އަކީ ރާއްޖޭގައި ހޯރަ އަރާ މަދު ރަށްތަކުގެ ތެރެއިން ރަށެވެ. ހިތާދޫ އަކީ ހޯރަ އަރާ ރަށަކަށް ވާތީ ސަރުކާރުން އެރަށަކީ ހިމާޔަތްކުރެވިފައިވާ ރަށެއްގެ ގޮތުގައި ވަނީ ކަނޑައަޅުއްވާފައެވެ.