ކޮނޑޭ

ގއ. ކޮނޑޭ އަކީ ބިންބޮޑު އަތޮޅުގައި އޮތް އެންމެ ކުޑަ އާބާދީ ދިރިއުޅެމުންދާ ރަށަށްވީނަމަވެސް މިރަށަކީ ދަނޑުވެރިކަމާއި ގެސްޓްހައުސް ވިޔަފާރީގައި ފާހަގަކޮށްލެވޭ ރަށެކެވެ. ކޮނޑޭގެ ބޮޑުމިނަކީ 118 ހެކްޓަރެވެ. ރަށުގައި ގާއިމްކޮށްފައިވާ މުއައްސަސާތަކުގެ ތެރޭގައި ކޮނޑޭ ކައުންސިލްގެ އިދާރާއާއި ، މެޖިސްޓްރޭޓް ކޯޓާއި ، ފެނަކަ އޮފީހާއި ، ހެލްތް ސެންޓަރ ހިމެނެއެވެ. މިރަށުގެ ރައްޔިތުން އާމްދަނީ ހޯދުމަށް ކުރާ މައިގަނޑު މަސައްކަތަކީ ދަނޑުވެރިކަމުގެ މަސައްކަތެވެ. ކޮނޑޭގެ ރައްޔިތުންނަކީ ވަރަށް އެކުވެރި ތަރައްގީއަށް ލޯބިކުރާބަޔެކެވެ. ކޮނޑޭގައި މީހުން ދިރިއުޅެންފެށި ތާރީޚެއް އެގެންނެތްކަމުގައި ވިޔަސް 1970 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގައި އެރަށުގެ ރައްޔިތުން ދާންދޫ އަށް ބަދަލުކުރެވުނެވެ. ނަމަވެސް 2 ވަނަ ފަހަރަށް އެރަށުގެ ރައްޔިތުން އެނބުރި ކޮނޑެއަށް ދިރިއުޅުން ބަދަލުކޮށްފައިވަނީ 1975 ވަނަ އަހަރުގެ އެޕްރީލްމަހުގައެވެ.

ކޮނޑޭގެ ރައްޔިތުންނަކީ އެކި ފަންނުތަކުގައި ގިނަ މަސައްކަތްތެރިން އުފެއްދި ރަށެކެވެ. މިގޮތުން ރާއްޖޭގެ ތާރީޚުގައިވެސް އެފަދަ ދެވަނައެއްނެތް އާސާރީ ބިނާއެއްކަމުގައިވާ މާލޭ ހުކުރުމިސްކިތް ބިނާކުރުމުގައި ކޮނޑޭގެ ވަޑިން ބައިވެރިވެފައިވާކަން ތާރީޚުން އެނގެން އެބައޮތެވެ.