ވިލިނގިލި

ގއ. ވިލިނގިއްޔަކީ އަތޮޅުގެ ވެރިކަން ކުރާ ރަށެވެ. އަތޮޅުކައުންސިލް އިދާރާގެ އިތުރުން އަތޮޅުލެވެލްގައި ޚިދްމަތް ދިނުމަށް ސަރުކާރުން ގާއިމް ކޮށްފައިވާ ހުރިހާ މުވައްސަސާތަކެއް ގާއިމްކުރެވިފައިވަނީ ވިލިނގިލީ ގައެވެ. ވިލިނގިލީގެ ބޮޑުމިނަކީ 96 ހެކްޓަރެވެ. ވިލިނގިއްޔާއި ގުޅިފައިވާ 12 ނޯޓިކަލްމޭލް ހުރި އެކެފަރަކީ ރާއްޖޭގެ މަޝްހޫރު ފަރުތަކުގެ ތެރެއިން އެއްފަރެވެ. އެކެފަރުގައި އިންޓަރނޭޝަނަލް އެއަރޕޯޓަކާއިއެކު 17 ރިސޯޓް ތަރައްގީކުރުމުގެ ޕްރޮޖެކްޓެއް ސަރުކާރުން އެކުލަވާލާ ކަމާއިބެހޭ އެމްއޯޔޫގައި ސޮއިކުރެވިފައިވާ ކަން ފާހަގަކުރަމެވެ. މިގޮތުން ވިލިނގިލީގައި ގާއިމްކޮށްފައިވާ މުއައްސަސާތަކުގެ ތެރޭގައި

1- ގއ. އަތޮޅުކައުންސިލްގެ އިދާރާ
2- ގއ. ވިލިނގިލީ ކައުންސިލް އިދާރާ
3- ގއ. އަތޮޅު ހޮސްޕިޓަލް
4- ގއ. ޖުޑީޝަލްދާއިރާގެ ގއ. ވިލިނގިލީ މެޖިސްޓްރޭޓްކޯޓް
5- ގއ. އަތޮޅު ތައުލީމީމަރުކަޒު
6- ގއ. ވިލިނގިލި ޕޮލިސްސްޓޭޝަން
7- ގއ. އަތޮޅު ސްޓޭޓްހައުސް
8- ފެނަކަ
9- އާރުޑީސީ އޮފީސް
10- ޕޯސްޓް އޮފީސް
11- މީރާ ކަލެކްޝަންސް ސެންޓަރ- ގއ. ވިލިނގިލި
12- ބިޒްނަސް ކޯޕްރޭޝަން ސެންޓަރ – ގއ. ވިލިނގިލި
13- ލޭބަރރިލޭޝަންސް އޮތޯރިޓީ – ވިލިނގިލި
14- ޕްރޮސިއުޓަރ ޖެނެރަލްގެ އޮފީސް – ގއ. ވިލިނގިލި
15- އެސްޓީއޯ ގއ. ވިލިނގިލި
16- ވިލިނގިލީ ކަސްޓަމްސް
17- ވިލިނގިލި ޖެންޑަރ ފެމެލީ އެންޑް ޗިލްޑްރެންސަރވިސް ސެންޓަރ
18- ޕޮލިޓެކްނިކް – ގއ. ވިލިނގިލި
19- ދަގެނާ ” ޑްރަގް ރިހިބިލިޓޭޝަން ސެންޓަރ ”
20- ބޭންކް އޮފް މޯލްޑިވްސް ވިލިނގިލީ ބްރާންޗް
21- މޯލްޑިވްސް އިސްލާމިކް ބޭންކް – އޭޓީއެމް
22- މައިކޮލެޖް – ވިލިނގިލި ބްރާންޗް
23- ވިލާކޮލެޖް – ވިލިނގިލި ބްރާންޗް
24- ގއ. ވިލިނގިލީ ޒުވާނުންގެ މަރުކަޒު
25- ކީރިތި ޤްރުއާނާއި ބެހޭ މަރުކަޒު – ގއ. ވިލިނގިލި ބްރާންޗް

ވިލިނގިލީގައި ފުޅާދާއިރާއެއްގައި އިމާރާތް ކުރުމުގެ މަސައްކަތާއި ، މަސްވެރިކަމުގެ މަސައްކަތް ކުރަމުންދެއެވެ. މިފްކޯގެ 3 ވަނަ ޖީލުގެ މަސްދޯނި ފަހަރުގެ ބަދަލުގައި ދިރުނބާ ކޮޅުގައި އެކޮމަޑޭޝަން ހަދައިގެން ބޮޑު މަސްދޯންޏެއް ބަނދެ މަސްވެރިކަމުގެ ސިނާއަތަށް އިންގިލާބީ ބަދަލެއް ގެނުވީ ވިލިނގިލީގެ ފަޚުރުވެރި ދަރިއެއްކަމަށްވާ ގއ. ވިލިނގިލީ ނަރުގިސްވިލާ އަލްފާޟިލް މުޙައްމަދު ޒައީމެވެ. އޭނާގެ ޚިދްމަތުގެ އަގުވަޒަންކޮށް މަސްވެރިކަމުގެ ދާއިރާއަށް ޚިދްމަތް ކުރުމުގެ ރޮނގުން އޭނާއަށް ދައުލަތުންވަނީ އާންމު ޚިދްމަތުގެ ހިތްވަރު ދިނުމުގެ އިނާމް ދެއްވާފައެވެ.ވިލިނގިއްޔަކީ މެހްމާންދާރީ އަދާކުރުމުގައި ފާހަގަކޮށްލެވޭ ހިތްހެޔޮ ރައްޔިތެއް ދިރިއުޅެމުންދާ ރަށެކެވެ. ތައުލީމީ ގިނަ ދަރިންތަކެއް އުފެދިފައިވާ މިރަށަކީ މަސައްކަތްތެރިކަމުގެ ދާއިރާއިންވެސް ފާހަގަކޮށްލެވޭ ރަށެކެވެ. އެކިފަންނުތަކުގެ މަސައްކަތްތެރިން ގިނަކަން ފާހަގަކޮށްލެވެއެވެ. އަދިހަމައެހެންމެ އެންމެގިނަ ހެވީވެހިކަލް ފަސޭހައިން އަތޮޅުން ލިބެންހުރި އަދި އުމުރާނީ ގޮތުން އެންމެ ކުރިއަރާފައިވާ ރަށަކީވެސް ވިލިނގިއްޔެވެ. ވިލިނގިލީގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމްކޮށް މަގުތަކުގައި ތާރަ އަޅާ ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިންމާ 2 ވަނަ ފިޔަވަހީގެ މަސައްކަތްތައް ދަނީ ހިނގަމުންނެވެ. ރަށުގެ ރައްޔިތުންނާއި މެހްމާނުން ހިތްފަސޭހަކުރުމަށް ޚާއްޞަ ކުރެވިފައިވާ ފިނިމައިޒާންތަކާއި ބީޗް ތައް މިރަށުގައި ރަގަޅުފެންވަރަކަށް ތަރައްގީކުރެވިފައިވެއެވެ.