އަތޮޅުކައުންސިލްގެ ވަފުދުގެ ބޭފުޅުން ޔޫތު މިނިސްޓްރީއާއިއެކު ބައްދަލުވުމެއް ބާއްވައިފި
އަތޮޅުކައުންސިލްގެ ވަފުދުން މާލެއަށް ކުރައްވަމުން ގެންދަވާ ދަތުރުގައި މިއަދު ޔޫތު މިނިސްޓްރީގެ އިސްބޭފުޅުންނާއި ބައްދަލުކުރައްވިފި. ސޯޝަލް ސެންޓަރުގައި ބޭއްވި މިބައްދަލުވުމުގައި ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޙުސައިން ޖަވާޒް އާއި ޕާރމަނަންޓް ސެކްރެޓަރީ ފާޠުމަތު އަޙްމަދުގެ އިތުރުން އިސްބައެއް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވި . އަތޮޅުކައުންސިލްގެ ފަރާތުން ކައުންސިލްގެ ރައީސް އިބްރާހީމް ޝަހީން އާއި ، ސެކްރެޓަރީ ޖެނެރަލް މުޙައްމަދު ފަތުޙީ އާއި ، އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވް މުޙައްމަދު ހަސަން ބައިވެރިވެ ވަޑައިގެންނެވި.
މިބައްދަލުވުމުގައި އަތޮޅުކައުންސިލްގެ މިއަހަރުގެ މަސައްކަތު ތާވަލްގައި ހިމެނިފައިވާ މުޅި އަތޮޅުގެ ޒުވާނުންނަށް އަމާޒްކޮށްގެން ބާއްވަން ހަމަޖެހިފައިވާ ޔޫތު ކޭމްޕް ބޭއްވުމާއި ބެހޭގޮތުން ފުޅާ ދާއިރާ އެއްގައި މަޝްވަރާ ކުރެވިފައިވެއެވެ. މިގޮތުން މިއަހަރުގެ ބައިނަލް އަޤްވާމީ ޒުވާނުންގެ ދުވަހުގެ ހަރަކާތްތަކާއި ގުޅުވައިގެން އަތޮޅުފެންވަރުގެ ބޮޑު އިވެންޓެއްގެ ގޮތުގައި މިއިވެންޓް ބޭއްވުމަށް ކުރެވިދާނެ ކަންކަމާއިމެދު މަޝްވަރާކުރެވިފައިވެއެވެ.




