ކައުންސިލްގެ ވަފުދުގެ ބޭފުޅުން މޯލްޑިވްސް އިމިގްރޭޝަނާއިއެކު ބައްދަލުވުމެއް ބާއްވައިފި
އަތޮޅުގެ ރައްޔިތުންނަށް ދެމުންދާ ޚިދްމަތްތައް ފުޅާކޮށް ހަލުއިކުރުމަށާއި ، އަތޮޅުގައި ފަށަން ސަރުކާރުން ހަމަޖައްސަވާފައިވާ ޕްރޮޖެކްޓްތައް ފެށުން އަވަސްކުރުމަށާއި އަދި އަތޮޅަށް ދިމާވެފައިވާ ދަތިތައް ކަމާއިބެހޭ އިދާރާތަކާއި ހިއްސާކޮށް އެކަން ހައްލުކުރުމަށް މަސައްކަތްކުރުމަށްޓަކައި އަތޮޅުކައުންސިލުން ކުރަމުންދާ މަސައްކަތުގައި ކައުންސިލްގެ ވަފުދުގެ ބޭފުޅުން މިހާރު މާލެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މޯލްޑިވްސް އިމިގްރޭޝަނާއި މިއަދު ބައްދަލުކުރައްވައިފި.
މޯލްޑިވްސް އިމިގްރޭޝަނާއިއެކު ބޭއްވުނު މިބައްދަލުވުމުގައި ގއ. އަތޮޅުގައި ޕާސްޕޯޓް ހެދުމުގެ ޚިދްމަތް ދިނުމަށް އަތޮޅުކައުންސިލްގެ އިދާރާތެރޭގައި ހަމަޖައްސާފައިވާ އޮފީސް ޖާގަ މަރާމާތުކޮށް ނިމިފައިވާތީ ޚިދްމަތް ފެށުމަށްޓަކައި ވާންޖެހޭ އެންމެފަހުގެ ތައްޔާރީތައް ކުރުމުގައި ދެފަރާތުން ކުރަންޖެހޭ ކަންތައްތަކާއިމެދު މަޝްވަރާކުރެވިފައިވާ. މިބައްދަލުވުމުގައި އިމިގްރޭޝަންގެ ފަރާތުން އިސްބޭފުޅެއްގެ ގޮތުގައި ބައިވެރިވެ ވަޑައިގެންފައިވަނީ ޕްރިންސިޕަލް އިމިގްރޭޝަން އޮފިސަރ ރިޔާޝާ އެވެ. އަތޮޅުކައުންސިލްގެ ފަރާތުން ވަފުދުގެ އިސްބޭފުޅެއްގެ ގޮތުގައި ވަޑައިގެންނެވި ކައުންސިލްގެ ރައީސް އަލްފާޟިލް އިބްރާހީމް ޝަހީންގެ އިތުރުން މިބައްދަލުވުމުގައި އަތޮޅުކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް އަލްފާޟިލް މުޙައްމަދު ފަތުޙީ އާއި ، އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވް އަލްފާޟިލް މުޙައްމަދު ހަސަން ބައިވެރިވެ ވަޑައިގެންނެވި.
ގއ. އަތޮޅުގެ ރައްޔިތުންނަށް ޕާސްޕޯޓް ހެދުމުގައި ދިމާވެފައިވާ ދަތިތައް ހައްލުކޮށް ވީއެންމެ އަވަހަކަށް މިޚިދްމަތް އަތޮޅުގައި ފެށުމަށް ކުރަންޖެހޭ މަސައްކަތްތައް ވަރަށްހަލުއިކަމާއިއެކު ކުރެވެމުން އެބަދޭ.

