ޚަބަރު

އައިޑެންޓިޓީކާޑް ގއ. އަތޮޅުން ޕްރިންޓްކުރުމުގެ ޚިދްމަތް ފެށުމަށްޓަކައި އެމްއޯޔޫގައި ސޮއިކުރުން

ގއ. އަތޮޅުގެ ރައްޔިތުންނަށް އައިޑީކާޑުގެ ޚިދްމަތް ފަސޭހައިން ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި އަތޮޅުން އައިޑީކާޑު ހެދުމާއިބެހޭ އެންމެހާ މަސައްކަތްތައް އަތޮޅުކައުންސިލްގައި ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި ޑިޕާރޓްމެންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަނާއިއެކު ކުރެވުނު މަޝްވަރާތަކަށްފަހު މިޚިދްމަތް މިއަތޮޅުގައި ގާއިމްކުރުމުގެ އެމްއޯޔޫ ( މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިންގ ) ގައި 17 ޖުލައި 2024 ގައި ވަނީ ސޮއި ކުރެވިފައެވެ. ޑިޕާރޓްމެންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަންގައި މި ފަހުމްނާމާގައި ސޮއިކުރުމަށް ބޭއްވުނު ޚާއްޞަ ރަސްމިއްޔާތުގައި އަތޮޅުކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ އަތޮޅުކައުންސިލްގެ ރައީސް އަލްފާޟިލް އިބްރާހީމް ޝަހީނެވެ. މިރަސްމިއްޔާތުގައި ޑީއެންއާރާއި ، އަތޮޅުކައުންސިލްގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ގއ. އަތޮޅުން އައިޑެންޓިޓީ ކާޑު ހެދުމުގެ އެންމެހައި ޚިދްމަތްތަކެއް ގާއިމްކުރެވިގެން މިދިޔައީ އަތޮޅުގެ ރައްޔިތުން އައިޑީކާޑު ހެދުމަށް އުފުލަމުންދާ ތަކުލީފްތަކަށް ނިމުމެއް ގެނެސް އަތޮޅުން ފަސޭހަ ނިޒާމެއްގެ ތެރެއިން މިޚިދްމަތް ދިނުމަށް މިކައުންސިލުން ކުރެވުނު މަސައްކަތްތަކުގެ ސަބަބުންނެވެ. މިޚިދުމަތް އަތޮޅުން ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި އަތޮޅުކައުންސިލްގައި ޖާގަ ހަމަޖައްސާ ބޭނުންވާ އިކްވިޕްމެންޓްސްތައް ހޯދުމަށް ކައުންސިލުން ބޮޑުހޭދައެއް ކޮށްފައިވާކަން ފާހަގަ ކުރަމެވެ.