ގަވައިދާއި ޚިލާފަށްއުޅޭ ބިދޭސީންގެ މައްސަލައަށް ހައްލު ހޯދުމަށް މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި
ގއ. އަތޮޅުގައި ގަވައިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ހައްލެއް ކަމާއިބެހޭ ފަރާތްތަކާއި މަޝްވަރާކޮށްގެން ދާއިމީ ހައްލެއް ހޯދުމަށްޓަކައު ކުރެވިދާނެ ކަންތައްތަކާއި އަދި ޒިންމާވާނެ ފަރާތެއް ނެތި އިމަރޖެންސީ ހާލަތުގައި ގެނެވޭ ބިދޭސީންނާއިމެދު އަމަލުކުރާނެ އާންމު އުޞޫލެއް އެކުލަވާލުމާއި ބެހޭގޮތުން އަތޮޅުކައުންސިލުން އިސްނަގައިގެން ވިލިނގިލީގެ ބައެއް ސެކްޓަރ ތަކާއިއެކު މިއަދު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި. މިބައްދަލުވުމުގައި ގަވައިދާއި ޚިލާފަށް އަތޮޅުގައި އުޅޭ ބިދޭސީން ދެނެގަނެ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށްޓަކައި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވުޒާރާ އާއި މޯލްޑިވްސް އިމިގްރޭޝަނާއި ގުޅިގެން ޚާއްޞަ ޕޮރްގްރާމެއް މިއަތޮޅުގައި ހިންގުމަށް ތައްޔާރުވަމުންދާ ކަމާއި ، އިމަރޖެންސީ ހާލަތުގައި ޒިންމާވާނެ ފަރާތެއްނެތި ގެނެވޭ ބިދޭސީންނަށް ފަރުވާދިނުމަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވަމުންދާތީ އެފަދަ ކޭސްތަކުގައި އަމަލުކުރާނެ އާންމު އުޞޫލެއް ތައްޔާރުކުރުމުގެ މުހިއްމުކަމާއިމެދު މަޝްވަރާކުރެވިފައިވޭ. އަދި ގަވައިދާއި ޚިލާފަށްއުޅޭ ބިދޭސީންގެ މައްސަލަތައް ކަމާއިބެހޭ ފަރާތްތަކާއި ގުޅިގެން ހައްލުކުރުމުގައި އެހީތެރިވާނެ ޓާސްކްފޯހެއް އެކުލަވާލާ މިވަގުތަށް ކުރެވެންހުރި މަސައްކަތްތައް ފާހަގަކޮށް ވިލިނގިއްޔާއި އަތޮޅުގެ ރަށްރަށުގައި މިކަންކަން ތަންފީޛް ކުރުމަށް ކުރެވެންހުރި ކަންކަން ކުރިޔަށް ގެންދިއުމަށް މިބައްދަލުވުމުގައި ވާހަކަ ދެކެވިފައިވެއެވެ. މިބައްދަލުވުމުގައި ވިލިނގިލީ ކައުންސިލާއި ، އަތޮޅު ހޮސްޕިޓަލާއި ، ވިލިނގިލީ ޕޮލިސްސްޓޭޝަނާއި ، ވިލިނގިލީ ޖެންޑަރ އެންޑް ފެމެލީގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގެންނެވި.





