އުތުރުހުވަދޫ ޤުރުއާން މުބާރާތް ފެށިއްޖެ
މިއަހަރުގެ އުތުރުހުވަދޫ ޤުރުއާން މުބާރާތް 21 ޖުލައި 2025 ދުވަހުގެ ރޭ ފެށިއްޖެ. އުތުރު ހުވަދޫ ޤުރުއާން މުބާރާތަކީ އަތޮޅުކައުންސިލް އުފެދުނީއްސުރެ ކޮންމެ އަހަރަކު ރަށްރަށުގެ ސްކޫލް މަދަރުސާތަކަށް ހުޅުވާލައިގެން ބާއްވަމުން ގެންދާ މުބާރާތް ބޭއްވުމުގެ މަގްޞަދަކީ ގއ. އަތޮޅުގެ ސްކޫލް މަދަރުސާތަކުން ތައުލީމް ހާޞިލް ކުރަމުންދާ ދަރިވަރުންގެ ހިތްތަކުގައި ކީރިތި ޤުރްއާނަށް ލޯބި ޖެއްސުމަށާއި ، ކީރިތި ޤުރްއާން ތަރުތީލްކޮށް ރީއްޗަށް ކިޔަވަން އެނގޭ ދަރިވަރުންތަކެއް އުފެއްދުމާއި ކީރިތި ޤުރުއާން ހިތުދަސްކުރުމަށާއި ތަޖުވީދުގެ މަގަށް ޤުރުއާން ކިޔެވުމަށާއި ، ކީރިތި ޤުރުއާނުގެ ޢިލްމް އުނގެނުމަށާއި ، އުނގަންނައި ދިނުމުގެ ރޮނގުން ކުރިޔަށް ދިއުމަށް ހިތްވަރު ދިނުމަށާއި ، ކީރިތި ޤުރުއާން ކިޔެވުމުގެ މައިދާނުގައި ގއ. އަތޮޅު ސްކޫލް މަދަރުސާތަކުގެ ދަރިވަރުންގެ މެދުގައި ވާދަވެރިކަން އުފެއްދުމާއި ، ޤުރުއާން ކިޔެވުމުގެ ފަންނު ދިރުވައި އާލާކޮށް ފެތުރުމަށް މަސައްކަތް ކުރުމާއި ކީރިތި ޤުރުއާން ރައްކާތެރި ކުރުމަށް މަސައްކަތް ކުރުމުގެ މަގްޞަދުގައި ބާއްވާ މުބާރާތެއް.
މިއަހަރުގެ މުބާރާތުގައި އަތޮޅުގެ ހުރިހާ ރަށަކުން 75 ދަރިވަރުން ބައިވެރިވެފައިވޭ. މުބާރާތް ފެށުމުގެ ގޮތުން ގއ. އަތޮޅު ތައުލީމީ މަރުކަޒުގައި ބޭއްވުނު ރަސްމިއްޔާތުގައި މުބާރާތުގައި ބައިވެރިވި ރަށްރަށުގެ ސްކޫލް މަދަރުސާތަކުގެ ދަރިވަރުންނާިއ ގިނަ އަދަދެއްގެ ބެލެނިވެރިންނާއި އޮފިޝަލުން ބައިވެރިވެ ވަޑައިގެންނެވި . އަދި ރަށްރަށުގެ ކައުންސިލްތަކުގެ ރައީސުންނާއި އަތޮޅުކައުންސިލްގެ މުވައްޒަފުންނާއި ، ވިލިނގިލީގެ ސެކްޓަރތަކުގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގެންނެވި. ކީރިތިޤުރުއާނުގެ ބަރަކާތުން މިރަސްމިއްޔާތު ފައްޓަވަިއ ދެއްވީ މި މުބާރާތުގެ އިސްފަނޑިޔާރު އަގްޞާމް މުޙައްމަދު ، އަތޮޅުކައުންސިލްގެ އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވް މުޙައްމަދު ހަސަން ތައާރަފް ކުރެއްވި މިރަސްމިއްޔާތުގައި އަތޮޅުކައުންސިލްގެ ފަރާތުން ވާހަކަ ދެއްކެވީ އަތޮޅުކައުންސިލްގެ ނާއިބްރައީސް އަލްފާޟިލް ނާސިޙް އިބްރާހީމް. ނާސިޙް އިބްރާހީމްގެ ވާހަކަފުޅަށްފަހު މި މުބާރާތާއި ބެހޭގޮތުން ތައްޔާރުކުރެވިފައިވާ ވީޑިޔޯ ޕްރެޒެންޓޭޝަނެއް ގެނެސްދީފައިވޭ. މުބާރާތުގައި ފުރަތަމަ ދަންފަޅީގައި ކީސްޓޭޖް 4 ގެ ބަލައިގެން ކިޔެވުމާއި ނުބަލާ ކިޔެވުމުގެ ގޮފީގައި ބައިވެރިވި 15 ދަރިވަރުން . މި މުބާރާތް ކައުންސިލްގެ ފޭސްބުކް ޕޭޖުން ލައިވް ކުރަމުންދާގޮތަށް ވަނީ ހަމަޖެހިފަ.





