ގެވެށިއަނިޔާ ހުއްޓުވުމުގެ ޤާބިލްކަން އިތުރުކުރުމުގެ މަސައްކަތު ބައްދަލުވުން ނިމިއްޖެ
ގއ. އަތޮޅުގެ ރަށްރަށުގެ މުވައްސަސާތަކުގެ ޕޮލިސީލެވެލްގެ ވެރިންނާއި ފަންނީ މަސައްކަތް ކުރައްވާ މުވައްޒަފުންނާއި ގެވެށި އަނިޔާ ހުއްޓުވުމުގައި އިޖުތިމާއީ މަސައްކަތްތަކުގައި ހަރަކާތްތެރިވާ މީހުނަށް އަމާޒްކޮށްގެން ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާބިލްކަން އިތުރުކުރުމަށް 20 އޮކްޓޯބަރ 2024 އިން 23 އޮކްޓޯބަރ 2024 ގެ ނިޔަލަށް ފެމެލީ ޕްރޮޓެކްޝަން އޮތޯރިޓީން ބޭއްވި މަސައްކަތު ބައްދަލުވުން ނިމުމުގެ ރަސްމިއްޔާތު މިރޭ ބާއްވައިފި. އަތޮޅުކައުންސިލްގެ ޓްރެއިނިންގ ހޯލުގައި ބޭއްވުނު މިރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވި ފެމެލީ ޕްރޮޓެކްޝަން އޮތޯރިޓީގެ ސީއީއޯ އަލްފާޟިލާ އާމިނަތު ޝިރާނީ ނައީމް ދެއްކެވި ވާހަކަފުޅުގައި އެހެން އަތޮޅުތަކުގައި ބޭއްވުނު މަސައްކަތު ބައްދަލުވުންތަކުގައި ބައިވެރިވި ބޭފުޅުންނަށްވުރެ ގިނަ ބޭފުޅުން މިއަތޮޅުން ބައިވެރިވިކަން ފާހަގަކޮށް މިމަސައްކަތު ބައްދަލުވުމުގެ ސަބަބުން ގެވެށި އަނިޔާ ހުއްޓުވުމަށް ކުރަންޖެހޭމަސައްކަތްތައް ދެނެގަނެ އެފަދަ މައްސަލަތަކާއި ކުރިމަތިލާ ހައްލު ހޯދުމަށް ކުރެވޭ މަސައްކަތްތަކަށް ކުރިއެރުންތަކެއް ލިބިގެންދާނެ ކަމުގައި ހާމަކުރެއްވި . މިމަސައްކަތު ބައްދަލުވުން 54 ބޭފުޅަކު ފުރިހަމަކޮށް ސެޓްފިކެޓް ހާޞިލް ކުރައްވާފައިވޭ. މިރަސްމިއްޔާތުގައި މިމަސައްކަތު ބައްދަލުވުން އިންތިޒާމްކުރުމުގައި އަތޮޅުކައުންސިލުން ކުރެއްވި މަސައްކަތްތަކުގެ އަގުވަޒަންކޮށް އެކަމުގެ ހަނދީ ލިޔުން އަތޮޅުކައުންސިލާއި ހަވާލުކުރައްވާފައިވޭ. މިލިއުމާއި އަތޮޅުކައުންސިލުން ހަވާލުވެ ލެއްވީ އަތޮޅުކައުންސިލްގެ އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވް އަލްފާޟިލް މުޙައްމަދު ޙަސަން . ރަސްމިއްޔާތު ކީރިތި ޤުރުއާނުގެ ބަރަކާތުން ފައްޓަވައި ދެއްވީ ގއ. އަތޮޅުތައުލީމީ މަރުކަޒުގެ ގްރޭޑް 9 އޭގެ ދަރިވަރު ޔާލް ޔޫނުސް އަލީ . ގއ. ދާންދޫ ސްކޫލްގެ ޓީޗަރ އަލްފާޟިލާ އާމިނަތު އަލީ މަސައްކަތު ބައްދަލުވުމުގެ ބައިވެރިންގެ ފަރާތުން ވާހަކަ ދެއްކެވި މިރަސްމިއްޔާތުގައި ބައިވެރިންނަށް ސެޓްފިކެޓް ބައްސަވައި ދެއްވީ ސީއީއޯ އަލްފާޟިލާ އާމިނަތު ޝިރާނީ ނައީމް .













